ތުޅާދޫގައި އެއާޕޯޓު އަޅަން ބިން އިތުރުކުރަން މި އަހަރުގެ މެދުތެރޭގައި ފަށާނެ

ޚަބަރު

ބ. ތުޅާދޫ ހިމެނޭގޮތަށް އިތުރު ތިން ރަށެއްގެ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހު އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހދ. މަކުނުދޫ, ށ. ބިލެތްފަހި, ބ. ތުޅާދޫ, ތ. ވިލުފުށި އެއާޕޯޓުގެ ބިން އިތުރުކުރުން މި އަހަރު މެދުތެރޭގައި ފަށާނެ  ކަމަށެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނެޓްގެ ތެރޭގައި ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ މަހު އޭދަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ، ތުޅާދޫގައި އެއާޕޯޓެއް ހަދަން ވީ ވައުދު ފުއްދަން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ރައީސް އޭރުވިދާޅުވި ގޮތުގައި، އަމާޒަކީ މި އަހަރުގެ މެދުތެރޭގައި ތުޅާދޫގެ އެއާޕޯޓު ހަދަން ބިން ހިއްކައި، އިމާރާތް ކުރުމުގެ މަސައްކަތް ފަށައި، އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމާލުމެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ އަހަރުގެ މެދުތެރެއަށް އަޅާއިރު، ބިން ހިއްކައި އެ ތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަން. އިރާދަކުރެއްވިއްޔާ އަހަރު ނިމެންވާއިރަށް ބޭނުންކުރެވޭ ވަރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،” ރައީސް ވިދާޅުވި އެވެ.

ތުޅާދޫ އެއާޕޯޓު އެޅުމަށް ދާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައިވާ ހަރަދަކީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓު ތަރައްގީ ކުރަން މިދިޔަ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.


ކޮމެންޓްސް (0)

ލޯޑް ކުރަނީ...