ފުޅަދޫ އާ އިންޖީނުގެ ހުޅުވައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. ފުޅަދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ބުނީ ފުޅަދޫގައި އަލަށް އިމާރާތް ކުރި އާ އިންޖީނުގެ އާ އެކު މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން ފުޅަދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ.

ފެނަކައިން ބުނި ގޮތުގައި އާ އިންޖީނުގެ ހުޅުވިގެން ދިޔައީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާ އެކުއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއް ވަނީ ހަދާފައެވެ.

މީގެ ކުރިން ފުޅަދޫ ފެނަކަ އޮފީހުން ބުނީ މިވަގުތު އެ ރަށުގައި ކަރަންޓު ބޭނުން ކުރާ އަދަދު މަދުވި ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވުމުން އިންޖީނުތަކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ދިމާވެދާނެ ދަތިތަކަށް އާ އިންޖީނުގެ އާ އެކު ހައްލު ލިބިގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބ. ފުޅަދޫއަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ ރަށެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...