އޭދަފުއްޓަށް ރައީސްގެ ވައުދު: ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް

އޭދަފުށި ޓައިމްސްޚަބަރު

އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ހޮވިވަޑައިގެންފި ނަމަ، ބ. އަތޮޅު ހޮސްޕިޓަލަށް އިތުރު ވަސީލަތްތަކާއެކު ބޮޑެތި ބަދަލުތަކެއް ގެނެސް، މިރަށުގައި ހައުންސިގެ ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ދެ ޕާޓީގެ ސިޔާސީ ވާދަވެރިކަން ބޮޑު އޭދަފުއްޓަށް ރައީސް މިއަދު ވަޑައިގަތީ އެމަނިކުފާނު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު މެންދުރު އެވެ.

އޭދަފުށީ ބަނދަރުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރާ މެދު އޭދަފުށީގެ ރައްޔިތުންނަށްވެސް ޔަގީންކަން ލިބިއްޖެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އޭދަފުއްޓަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެވޭނީ މި ސަރުކާރާއެކީ ތިބެގެންކަން ރައްޔިތުންނަށް މިހާރު ގަބޫލުކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގޯތި ދިނުމަކީ ކައުންސިލްގެ ދަށުން އޮންނަ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ  އެކަމުގައި ލަސްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް  ދެން އަންނަ ދައުރަށް އިންތިހާބު ވެއްޖެ ނަމަ އޭދަފުށީގައި ރަނގަޅު ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލަށް އިތުރު ވަސީލަތްތަކާއެކު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަށުގެ ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރެއް ހަދައިދީ ތަފާތު ކުޅިވަރުތައް ކުޅޭނެ ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމްކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.  

ދީނީ އިލްމު އުނގެނުމުގައި ވެސް އޭދަފުއްޓަކީ ރަނގަޅު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިލްމުން ކުރިއަށް ދާން ބޭނުންވެފައި ތއެތައް ބަޔަކު އެބަތިބި ކަމަށާއި އެ މީހުންނަށް ފުރުސަތު ދިނުމަށް އިސްލާމީ މަރުކަޒެއް ބިނާކޮށްދޭނެ ކަމަށެވެ.

އަދި ރަށުގެ ހުޅަނގު ފަރާތުގައި އާ ބަނދަރު ހަދާއިރު، މީހުން މޫދަށް އެރޭ ސަރަހައްދެއް ހަދައިދޭނެ ކަމަށް ވެސް ރައީސް ވައުވެވަޑައިގެންނެވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...