ކައުންސިލުގެ ބައްދަލުވުމަށް ދިޔައީ އެންމެ ހަތް މީހުން!

ޚަބަރު
ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ އޭދަފުށީ ކައުންސިލުން ބޭއްވި ބައްދަލުވުން. އާއްމުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވީ އެންމެ 7 މީހުން

ބ. އޭދަފުށީ ކައުންސިލުން، ރައްޔިތުންނާ ބައްދަލުކުރުމަށް މިފަހަރު ބޭއްވި ޖަލްސާއަށް ވެސް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

ރޭ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން މިއަހަރު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން އެދިފައި ވީ ނަމަވެސް ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ބައިވެރިވީ އެންމެ ހަތް މީހުންނެވެ. ދެން ތިބީ ކައުންސިލަރުންނާއި އެ އިދާރާގެ ބައެއް މުވައްޒަފުންނެވެ.

މި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ތެރޭގައި ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ ބަޖެޓްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް މީގެ ކުރިން ވެސް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދުވެސް ހާޒިރު ވަނީ ނިސްބަތުން ރައްޔިތުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...