ބ. އަތޮޅު ތައުލީމީ މަރުކަޒަށް 46 އަހަރު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 46 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ.
މި އެސްމްބްލީ ޝަރަފްވެރިކޮށްދެއްވީ އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު ސިމާން ސިމާން ސައީދެވެ.

ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެންބަރުން އަދި އޮފީސްތަކުގެ އިސްވެރިން ވެސް ބައިވެރިވި މި އެސެމްބަލީގައި އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހާއްސަ ކޭކެއް ފެޅި އެވެ. އަދި ދަރިވަރުން މިއަދު ވަނީ ޖަމާއަތުގައި މެންދުރުނަމާދުގައި ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ސްކޫލުން ހޯދަމުން އަންނަ ކާމިޔާބު ތަކުރާރުވަނީ ޓީޗަރުންނާއި އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުންނާއި އެ މީހުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުންކަމަށެވެ.

އެހެންވެ އޭނާ އެދިވަޑައިގަތީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިހާރަށްވުރެ މޮޅު ނަތީޖާ އާއި ކުރިއެރުން ހޯދައިދިނުމަށް ރަށުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން އިތުރަށް މަސައްކަތް ކޮށްދިނުމަށެވެ.
މި އެސެމްބްލީގައި ވަނީ އެ ސްކޫލަށް ޔޫވައިއާރު އިންވެސްޓްމަންޓްގެ ފަރާތްތަކުން 65 އިންޗީގެ ޓީވީއެއް ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އިމާރާތްކުރި އެންމެ ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ. މި ސްކޫލް ބ. ކޮމިޔުނިޓީ ސްކޫލްގެ ނަމުގައި ހުޅުވީ 24 ފެބްރުއަރީ 1978 ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. ހުޅުވުނު އިރު މި ސްކޫލްގައި ތިބީ 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި ހެޑްމާސްޓަރެކެވެ. ހުޅުވިއަހަރު ކިޔަވައިދެއްވީ ހަމައެކަނި ގްރޭޑް 1 އާ ހަމައަށެވެ. މިހާރު އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެވެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ތައުލީމީ ގޮތުން މުޅިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކުރަމުން އަންނަ ސްކޫލެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
