އީދު ނަމާދު ފަށާ ގަޑި 7:00 އަށް އަވަސްކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ 7:00 ކަމަށް އިސްލާމިކް މިނިސްޓްރީ މިއަދު ކަނޑައަޅައިފިއެވެ.

ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި އެ ވުޒާރާއިން މިއަދު ނެރުނު ގަރާރުގައި ވަނީ ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި ކަމުގައިވިޔަސް، ޢީދު ނަމާދު ކުރާ ގަޑި ހެނދުނު 07:00އަށް ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށެވެ.

އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޤަރާރުގައިވެއެވެ.

އަދި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީ އާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މި އަހަރުން ފެށިގެން ރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ އިދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމުގައި ކަނޑައަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި ބަދަލު ގެނައީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުކަމަށްވެސް އެ މިނިސްތްރީން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...