އޭދަފުއްޓަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށި ގެއަކަށް ފެން ވަދެފައި. – ފޮޓޯ: އޭދަފުށި ކައުންސިލް

ބ. އޭދަފުއްޓަށް ބޯކޮށް ވާރޭވެހި، ބައެއް ގެތަކަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު މިއަދު ވިދާޅުވީ ރޭ ފަތިހު މެދުނުކެނޑި ގިނަ އިރުތަކެއް ވަންދެން މިރަށަށް ކުރި ވިއްސާރައިގައި ތިން ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފެންވަނުމުގެ ސަބަބުން ބައެއް މުދާތަކަށް ގެއްލުން ލިބިފައިވާ  ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެގޮތުން ބައެއް ގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ އިތުރުން ބައެއް ލިޔެކިޔުންތަކަށް ވެސް ފެންވަނުމުގެ ސަބަބުން ވަނީ ގެއްލުންވެފައެވެ.

ހެނދުނު ކުރި މި ވިއްސާރައިގައި މިރަށުގެ ގެއްލުން ލިބުނު ބައެއް ގޭގޭގައި  ފޫޓަކަށް ވުރެ މައްޗަށް ފެންގަނޑު ވަނެވެ.  ގެއްލުން ލިބުނު ގޭ ތަކުގެ މީހުން ވެލި ބަސްތާތައް ޖަހައިގެން ކުޑަ އިރުކޮޅެއްތެރޭ ވަނީ ފެންގަޑު ހިންދައިފަ އެވެ.

މި ވިއްސާރާގައި ގޭގެއަށް ފެންވަނުމުގެ އިތުރުން މިރަށުގެ ފަޅުތެރޭގައި އަޅާފައިއޮތް ދެ ޑިންގީއެއް ވެސް ވަނީ އަޑިއަށްގޮސްފަ އެވެ.

ރޭ ފަތިހު ފަތިސް ނަމާދުން ފެށިގެން ހެނދުނު އަށެއް ޖެހުމާ އަށް ހަމައަށް މިރަށަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...