އަންނަ އަހަރު އީދު އަލިން މިއަށް ވުރެ ބޮޑަށް ރާއްޖެ ދިއްލާލާނަން: ރައީސް

އޭދަފުށި ޓައިމްސްޚަބަރު
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި.– ފޮޓޯ: ރައީސް އޮފިސް

އަންނަ އަހަރު މިއަހަރަށް ވުރެ ބޮޑަށް އީދު އަލިން ރާއްޖޭގެ ރަށްތައް ދިއްލާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަ އީދަށް ބޮކިފައްޗާއި ގިޑިގެތަކުން ސިޓީތަކާއި ރަށްތައް ދިއްލާލުމަށާއި ޖުމްހޫރީ މައިދާނުގެ ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އީދު ކަހަލަ އިސްލާމީ މާތް މުނާސަބަތުތަކަށް ވާ ތައްޔާރީތައް އަހަރެއް އަހަރަކަށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން އޭދަފުށި ދިއްލާލައިފައި.– ފޮޓޯ: ޔާނިއު | އީޓީ

އެގޮތުން ކުރިއަށް އޮތް އަޟްހާ އީދުގައި އެ ދިއްލުންތައް މިއަށް ވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި އީދު ފާހަގަކުރައްވާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

 ރައީސް ވިދާޅުވީ އީދުގެ މުނާސަބަތަކީ އިސްލާމް ދީނުގައި މީސްތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މި ނިއުމަތުގެ މުހިންމުކަން އެންމެނަށް އަދި ހާއްސަކޮށް ކުޑަކުދިންނަށާއި ޒުވާނުންނަށް އިހުސާސްކޮށްދެން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ އެންމެ އެކުގައި އެއް ރޫހެއްގައި މި އީދު ކުލަގަދަ ގޮތެއް ފާހަގަކުރުމަށެވެ.

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން އޭދަފުށި ދިއްލާލައިފައި.– ފޮޓޯ: ޔާނިއު | އީޓީ

“އަޅުގަނޑުމެންނަކީ އެންޑް އޮފް ދަ ޑޭ އެއްބައެއް. އެއްބައިވަންތަކަމުގެ އަޒުމް މިއަދު ވަރުގަދަކުރައްވާ،” ރައީސް ވިދާޅުވި އެވެ.

ރައީސް އެދިޮވަޑައިގަތީ ރަށްރަށުގައި ވެސް ގިނަ ބަޔަކު ބޭރަށް ނުކުމެ، މުސްލިމަކަށް ވީތީ ފަހުރުވެރިކަމާ އެކީގައި އުފާ ފާޅުކުރާ އީދަކަށް މި މުނާސަބަތު ހަދައިދިނުމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...