ކުރިއަށް އޮތް ދައުރުގެ ގޮނޑި ވެސް ސަލީމް ކާމިޔާބުކުރައްވައިފި

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހްމަދު ސަލީމް

ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާއަށް، މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ ޕީޕިއެމް/ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، އޭދަފުށި ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސަލީމް އެވެ.

އޭދަފުށި ދާއިރާ އަށް މިފަހަރު ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ. އެއީ ސަލީމުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ އަބްދުﷲ ވިސާމު އާއި ޔާސިރު ހުސައިނާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އަބްދުލް ހަމީދު އާއި ޖޭޕީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނާސިރު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒު ގެ ހޯލުގައި ބެހެއްޓި ވޯޓުފޮށީގެ ނަތީޖާ ދައްކާ ގޮތުގައި، ސަލީމަށް ވަނީ 211 ވޯޓު ލިބިފަ އެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި ވިސާމަށް ލިބުނީ 181 ވޯޓެވެ.

ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުގައި ބެހެއްޓި ވޯޓްފޮށިން ސަލީމަށް ލިބުނީ 328 ވޯޓެވެ. އަދި ވިސާމަށް ލިބުނީ 128 ވޯޓެވެ.

މަލްޓިޕާޕަސް ހޯލުގައި ބަހައްޓާފައިހުރި ވޯޓްފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ސަލީމަށް 224 ވޯޓް ލިބުނު އިރު، ވިސާމަށް ލިބުނީ 97 ވޯޓެވެ.  މީގެ އިތުރުން މާލޭގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަލީމު އުޅެނީ ކުރީގަ އެވެ.

ސަލީމް މެދުނުކެނޑި އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެއްޖެ އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބު އޭނާ މިއަދު ކާމިޔާބު ކުރެއްވުމުން، އަންނަ ދައުރަކީ މަޖިލިހުގައި އޭނާ ހުންނަވާނެ ހަތަރު ވަނަ ދައުރެވެ.

ސަލީމު ހަތަރުވަނަ ދައުރަކަށް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއިރު، އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލު ވަނީ މުލަކު ދާއިރާގެ ގޮނޑިވެސް ކާމިޔާބުކުރައްވާފަ އެވެ. ސަލީމާއި ނައުފަލުގެ އިތުރުން ސަލީމާ އެކު މަސައްކަތް ކުރައްވާ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ ގޮނޑިި ކާމިޔާބުކުރައްވާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...