ސުޕަ މެޖޯރީގައި ބިރެއް ނުދައްކާނަން؛ މައިނޯރިޓީއަށް އިހުތިރާމް ކުރާނަން: ސަލީމް

އޭދަފުށި ޓައިމްސްޚަބަރު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް އިދިކޮޅު މެމްބަރުން ބާކީ ނުކުރާނެ ކަމަށް ހަތަރު ވަނަ ދައުރަކަށް އޭދަފުށި ދާއިރާގެ ގޮނޑިއަށް އިންތިހާބު ވެވަޑައިގެންނެވި އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަފުސާނީ ފަރުވާގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސުޕަ މެޖޯރިޓީ ލިބިފައިވީ ނަމަވެސް އެއްވެސް ބަޔަކަށް ބިރު ދައްކައި ގެއްލުންދީ ނުހަދާނެ ކަމަށެވެ.

މައިނޯރިޓީއަށް އިހުތިރާމު ކުރާނެ ކަމަށާއި މަޖިލިސް ކުރިއަށްގެންދާނީ މައިނޯރިޓީވެސް ހިމަނައިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީން މައިނޯރިޓީއަށް ހުރަސް އަޅަމުންދިޔަ ކަމަށެވެ.

“އެންމެ ހައެއްކަ މީހުންނަށް ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ނުދިން. އެ ފުރުސަތަށް އަންނަނީ ނިޒާމީ ނުކުތާ ނަގައިގެން ހުރަސް އަޅަމުން ފުރައްސާރަކުރަމުން، މަދުމީސްކޮޅެއް ތިބީތީ އޭގެ ނަތީޖާއަކަށްވީ [ނަފްސާނީގޮތުން ބަލިކަށިވުން] އެކަމަކު އަޅުގަނޑުމެން ހިތްވަރުގަދަ ކަމުން ނަފްސާނީ މައްސަލަތަކުން އަރައިގަތީ،” ސަލީމް ވިދާޅުވި އެވެ.

 ސަރުކާރު އިންތިހާބުވުމަށްފަހުވެސް އެމްޑީޕީން މަޖިލީހުގައި ބާރު ބޭނުންކޮށް ޖެއްސުންކޮށް ބިރު ދައްކައިގެން ކަންކަން ކުރި ކަމަށް ސަލީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ނަމަވެސް ޕީއެންސީއަށް ލިބުނު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތާ އެކު، އެ ޕާޓީން އެމްޑީޕީން ކަންކުރި ގޮތަށް ކަން ނުކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ރައިސް މުއިއްޒުގެ ވިސްނުފުޅަކީ ވެސް އެއީކަން ފާހަގަކުރައްވައި ސަލީމް ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ބަޔަކަށް އުނދަގޫ ނުކޮށް ހުރިހާ ރައްޔިތުން ވެސް ބައިވެރިކޮށްގެން ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...