އޭދަފުށީގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލަނީ

ވާނުވާ

ބ. އޭދަފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިރަށު ކައުންސިލުން ފަށައިފިއެވެ.

ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި މަސައްކަތް ފަށަނީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުންނެވެ.

މިއީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނަގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ މެއި މަހު ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 4,000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ ވަނީ އެއްކުރެވިފައެވެ.

އޭދަފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ މައުލޫމާތު، އަންނަ ނޮވެމްބަރު 7 ގެ ކުރިން ކައުންސިލާ ހިއްސާކުރަންޖެހެއެވެ. ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ބިދޭސީން ދާއިރު އެ މީހުންގެ ވޯކް ޕާމިޓާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ގެންދަންވާނެއެވެ.

ނަމަވެސް އެއްވެސް ލިޔެކިއުމެއް ނެތް ބިދޭސީންވެސް މި ދަފްތަރުގައި ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި މި ތާރީޚުގެ ފަހުން، ދަފްތަރުގައި ރަޖިސްޓަރީ ނުކުރާ ބިދޭސީން އޭދަފުށީގައި ގެންގުޅުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...