ޝެއިޚް މަޖީދު އާއި އަލީ ޒާހިރު ވެސް ތައުލީމީ ދާއިރާއިން ރިޓަޔާ ކުރައްވައިފި

ޚަބަރު

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ދެ ޓީޗަރުން ކަމަށްވާ އައްޝައިޚް އަބްދުލްމަޖީދު މުހައްމަދާއި އަލީ ޒާހިރު ވަޒީފާއިން ރިޓަޔާކުރައްވައިފި އެވެ.

އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝެއިޚް މަޖީދު 30 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވިއިރު، ދިވެހި ޓީޗަރ އަލީ ޒާހިރު ތައުލީމީ ދާއިރާއިން ރިޓަޔާ ކުރެއްވީ 34 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.

ޝެއިޚް މަޖީދު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޑިޕާޓްމަންޓް އޮފް އިލެކްޓްރިކް ސިޓީ ގެ ޓްރެފިކް ކްލާކެއްގެ ގޮތުގަ އެވެ. އޭގެފަހުން އަމީނިއްޔާ ސްކޫލުގެ މުދައްރިސެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ކިޔަވައި ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އެވެ.

އަޒްހަރު ނުނިވަސިޓީއަށް ވަޑައިގެން ޕްރައިމަރީ، ސެކަންޑްރީ އަދި ޔުނިވަސިޓީ ތައުލީމް ހާސިލުކުރެއްވުމަށް 13 އަހަރެއްހާ ދުވަހު ދުވަސް ރާއްޖެއިން ބޭރުގައި ހޭދަކުރެއްވި އެވެ. އެއަށްފަހު، އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަމީނިއްޔާ ސްކޫލުގެ މުދައްރިސަކަށެވެ.

ވޭދެތިޔަ ދިގު މުއްދުގައި ޝެއިޚް މަޖީދު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާއިދެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.  މީގެ އިތުރުން، މާލޭގެ މިސްކިތްތަކުގައި އިމާމުވެ. ހުކުރު ނަމާދާއި އީދު ނަމާދު ކުރެއްވުމުގެ އިތުރުން، ދީނީ ނަސޭހަތް ދިނުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމުގައިވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.  

ޝެއިޙް މަޖީދު، ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިވައިއިގަތީ 2002 ވަނަ އަހަރު އެވެ. އެ ސްކޫލުގައި އިސްލާމް މުދައްރިސްކަމާއި ހެޑް އޮފް އިސްލާމް ޑިމާޓްމަންގެ މަގާމައި ލީޑިން ޓީޗަރެއްގެ މަގާމުވެސް ވަނީ އަދާކުރައްވާފަ އެވެ.

ޝެއިޚް މަޖީދަށް ވަނީ ކީރިތި ޤުރުއާނުގެ ޢިލްމުގެ ދާއިރާއިން ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.

އަލީ ޒާހިރު ސަރުކާރުގެ ވަޒީފާ އާއި ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވަގުތީ މުދައްރިސެއްގެ ގޮތުގައެވެ. އޭގެ ފަހުން 1989 ވަނަ ޓީޗިން ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، 1991 އިން ފެށިން މިހާތަނަށް ހުންނެވީ އެ ސްކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތަގަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ސްކޫލުގެ ސާނަވީ އަދި މަތީ ސާނަވީ ކްލާސްތަކަށްވެސް ކިޔަވައިދެއްވާފަ އެވެ. އޭގެ އިތުރުން ދިވެހި ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ވެސް 4 އަހަރު މަސައްކަތް ކުރެއްވި އެވެ.

މި ދެ ޓީޗަރުންވެސް ވަނީ، ތަޢުލީމީ އަދި އަޚްލާޤީ ރޮނގުން މޮޅެތި ކުދިންތަކެއް އުފެއްދައި ސްކޫލުން ހޯދަމުން އަންނަ މޮޅު ނަތީޖާ ދެމެހެއްޓުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.

މި ދެ ޓީޗަރުން ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އެ ދެ ޓީޗަރުން ކޮށްދެއްވި ޚިދުމަތްތެރި މަސައްކަތުގެ އަގުވަޒަންކޮށް، ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...