ކާށިދޫ ބަލިކޮށް އޭދަފުށި ޒޯން ތިނެއްގެ ފައިނަލަށް

ކުޅިވަރު
މެޗުގައި ހެޓްރިކް ހެދި ފާއްޓެ ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ފަހު މެޗުގައި ކ. ކާށިދޫ 4-7 އިން ބަލިކޮށް އޭދަފުށި ޒޯން ތިނެއްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ރޭގެ މެޗުގެ ކުރިންވެސް ފައިނަލް ކަށަވަރުކޮށްފައި އޮތް ކާށިދޫ އެވެ.

މެޗުގައި އޭދަފުށީގެ ހަތް ގޯލުގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އޭދަފުށީގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މުހައްމަދު އަޖުފާންގެ އިތުރުން އަލީ ނަސީމް (ދިއްލި) އަދި ހުސައިން ޝަރީފް (މުޑާ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފާއްޓެ އެވެ.

ކާށިދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި އިސްމާއީލް ރައްޔާންގެ އިތުރުން މުހައްމަދު އަޖުވަދު ސޮލާހް އަދި އަބާން މުހައްމަދު އެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކާށިދޫ އިން ރޭގެ މެޗަށް ނެރުނީ ބެންޗު ޓީމެވެ. އެއީ އެޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވިފައި އޮތުމުން ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެވެ.

އޭދަފުށީގެ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ވެސް މެޗުގައި ކުޅުނީ ފަހު ފަސް މިނެޓުގަ އެވެ.

ޒޯން ތިނެއްގެ އަނެއް މެޗުގައި ރޭ މާފުށިން ވަނީ 11-1 އިން ޅ. ކުރެންދޫ ބަލިކޮށްފަ އެވެ. ބޮޑު މޮޅެއް ހޯދިޔަސް މާފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޒޯން ތިނެއްގެ ފައިނަލުގެ ފުރުސަތާއެކު އޭދަފުއްޓާއި ކާށިދޫ އަށް ވަނީ ގަދަ 16 އިން ވެސް ފުރުސަތު ލިބިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...