ގަދަ 16 ގައި އޭދަފުށި ނުކުންނާނީ ފުވައްމުލަކު ދަނޑިމަގާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ގެ މެޗުގައި އޭދަފުށިން ފުވައްމުލަކުގެ ދަނޑިމަގާ ވާދަކުރަން ޖެހިއްޖެ އެވެ.
މުބާރާތުގެ ޒޯން ފައިނަލްތަކަށް ފަހު ރޭ ވަނީ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ. އޭދަފުއްޓާއި ދަނޑިމަގު ވާދަކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.
ގަދަ 16 ގެ އެހެން މެޗުތަކަށް ބަލާއިރު ރ. އިނގުރައިދޫއާ ދެކޮޅަށް ނުކުންނާނީ ލ. ގަމެވެ. އދ. މަހިބަދޫ އާއި ފ. ދަރަނބޫދޫ ވާދަކުރާއިރު، ހދ. ނައިވަދޫ ނުކުންނާނީ މާލެ މައްޗަންގޯޅިއާ ދެކޮޅަށެވެ.
ދ. ކުޑަހުވަދޫ އާއި އއ. މަތިވެރި ވާދަކުރާއިރު ގދ. ވާދޫ ނުކުންނާނީ ހއ. ދިއްދޫއާ ދެކޮޅަށެވެ. ވިލިމާލެ އާއި ރ. ދުވާފަރު ވާދަކުރާއިރު ގަދަ 16 ގެ ފަހު މެޗުގައި ތ. ތިމަރަފުއްޓާއި ކ. ކާށިދޫ ވާދަކުރާނެ އެވެ.
އޭދަފުށިން ވަނީ މިއަހަރުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ދަނޑިމަގު އެކަނި ފުވައްމުލަކުން ބައިވެރިވުމާ ގުޅިގެން އެޓީމު މުބާރާތް ފެށީ ޒޯން ބުރާ ހަމައިންނެވެ. ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައި ސެމީ ފައިނަލުން މޮޅުވި ނަމަވެސް ރޭ ކުޅުނު ޒޯން ފައިނަލުގައި ދަނޑިމަގު ވަނީ ވާދޫއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
އޭދަފުއްޓާއި ދަނޑިމަގު ވަނީ 2023 ވަނަ އަހަރުގެ މުބާރާތުގައި ވެސް ގަދަ 16 ގައި ވާދަކޮށްފަ އެވެ. އެފަހަރު 0-2 އިން މޮޅުވީ އޭދަފުއްޓެވެ. އެ މެޗުގައި އޭދަފުށީގެ ފަހު ގޯލަކީ ދަނޑިމަގު ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެވެ. ފުރަތަމަ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.
އޭދަފުށި 2018 ވަނަ އަހަރު މުބާރާތުގައި ބައިވެރިވާން ފެށީއްސުރެ ކުއާޓާ ފައިނަލަށްވުރެ ދަށުން ކަޓާފައެއްނުވެ އެވެ.
ދަނޑިމަގު ގޯލްޑަން ފުޓްސަލްގައި ހޯދި އެންމެ ބޮޑު ކުރިއެރުމަކީ 2022 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލެވެ.
އޭދަފުއްޓާއި ދަނޑިމަގާ ވާދަކޮށްގެން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ނުކުންނާނީ އިނގުރައިދޫ އާއި ގަން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގެ ގަދަ 16 ގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހޮނިހިރު ދުވަހުގެ ރެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
