ދިއްލިގެ މޮޅު ކުޅުމާއެކު ދަނޑިމަގު ބަލިކޮށް އޭދަފުށި ކުއާޓާ ފައިނަލަށް

ޚަބަރު
ލަނޑެއް ޖެހުމަށްފަހު ދިއްލި އުފާފާޅުކުރަނީ– ފޮޓޯ/ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް 2025 ގައި މިރޭ އަލީ ނަސީމް (ދިއްލި) ދެއްކި ތަފާތު މޮޅު ކުޅުމާއެކު ފުވައްމުލައް ސިޓީގެ ދަނޑިމަގު 2-3 އިން ބަލިކޮށް އޭދަފުށި ފުޓްސަލް ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގައި އޭދަފުށީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދިއްލި އެވެ. ފުރަތަމަ ގޯލު ޖެހީ މެޗު ފަށައިގެން ދެވަނަ މިނެޓުގަ އެވެ. ދިއްލި އަށް ލިބުނު ބޯޅަ ގޯލުގެ މެދަށް ފޮނުވާލުމުން، ގޯލުގެ ތެރެއަށް ވަނީ ކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) އަތުގައި ޖެހިފަ އެވެ.

މެޗުގެ ދެވަނަ ގޯލު ދިއްލި ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށްފަހު ބޭރު ރޮނގު ކައިރީހުރެ ދިއްލި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ބާރު ސްޕީޑުގައި ފޮނުވާލި އެ ބޯޅަ ހުއްޓުވަން ކީޕަރު ތާޑޭއަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

އޭދަފުށީގެ ތިންވަނަ ގޯލަކީ ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ދަނޑިމަގު ޓީމުގެ މުހައްމަދު ސާދު ނިޒާރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލުގެ ކްރެޑިޓް ހައްގުވަނީ ދިއްލި އަށެވެ. ހާފު މެދުތެރެއިން އޭދަފުއްޓަށް ލިބުނު ހިލޭޖެހުން ދިއްލި ފޮނުވާލުމުން ސާދު ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަނީ ގޯލަށެވެ.

އޭދަފުށިން ތިން ގޯލު ޖަހާފައި ވަނިކޮށް ދަނޑިމަގުން ދެ ގޯލު ޖަހައި ފަރަގު ކުޑަކުރި އެވެ. ދަނޑިމަގުގެ ފުރަތަމަ ގޯލު ޖެހީ ގޯލްކީޕަރު ތާޑޭ އެވެ. ކީޕަރު ކުރިއަށް އަރައި ލިބުނު ބޯޅަ ވައްދާލީ މަތީ ކަނަށެވެ. ދަނޑިމަގު ޓީމުގެ ދެވަނަ ގޯލު ޖެހީ އަޖުމަލް އަހުމަދު އެވެ.

ދަނޑިމަގުން ދެ ގޯލު ޖެހުމާއެކު އޭދަފުށީގެ އިތުބާރު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ކުޅެން އެރި އެވެ. މުބާރާތުގައި އަނިޔާގެ ސަބަބުން ސައްޓު އަދި ކުޅެފައިވަނީ މަދު މެޗުތަކެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްލި އެވެ.

އޭދަފުށި ކުއާޓާ ފައިނަލުގައި ވާދަކުރާނީ ލ. ގަމާ އެވެ. ގަން ވަނީ ގަދަ 16 ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ރ. އިނގުރައިދޫ ބަލިކޮށްފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިންނެވެ.

އޭދަފުއްޓާއި ގަން ވާދަކުރާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...