މަމްސް ޖަމިއްޔާގެ “ރަމަޟާން އެއިޑް” އަށް ބީއެމްއެލްގެ މުވައްޒަފުންގެ އެހީތެރިކަން

އޭދަފުށި ޓައިމްސްވިޔަފާރި

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އެއިޑުން ހިންގާ “ރަމަޟާން އެއިޑް” ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ދީލަތި އެހީއެއް ލިބިފައެވެ. މި އެހީއާއެކު މޮމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މޮމްސް އިން ބުނީ ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން މި ޕްރޮގްރާމަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް، އަދި ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށް މޮމްސް އިން ބުނެފައިވެއެވެ.

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މީގެ ކުރިންވެސް މޮމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށްވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...