ބީއެމްއެލް އިން ކުޑަހުވަދޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް ހުޅުވައި އާ ބްރާންޗް އިމާރާތުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އައު ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙުމަދު ޢަލީ ޙަބީބް އަދި ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މި ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ވަޒީރުންނާއި، ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ކުޑަހުވަދޫގެ ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.
މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ގާއިމުކުރެވުނު އޭޓީއެމްއިން ކަސްޓަމަރުންނަށް އިތުރު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިންގ މުޢާމަލާތްތައް ކުރެވޭނެއެވެ.
“ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ.” ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ، ކުޑަހުވަދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއި އާ ބްރާޗުގެ ބިންގާ އެޅުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 152 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
