މި ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް

އޭދަފުށި ޓައިމްސްޚަބަރު
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.—ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

މިކަން އިއުލާން ކުރެއްވީ ދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރު ދެއްވި ފަދައިން މިއަހަރުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

މިއަހަރުގެ ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން މިހާރުވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މިގޮތުން ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ނިމިފައިވާއިރު މާލޭގައި އެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ރައީސް ވަނީ މަސްދަޅު ކޭހުގެ ހަރަދަށް ކަރަންޓާއި ފެނުގެ ބިލްތައް ބޮޑުކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ބަދަލުގައި ފެނާއި ކަރަންޓުގެ ބިލުތަކުން ސަރުކާރުން ޑިސްކައުންޓް ދެއްވާނެކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...