ދިވެހި ޤައުމިއްޔަތުގެ މަޝްރޫޢު އަތޮޅުތަކަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ޢިލްމުތައް އަތޮޅުތަކަށް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ހއ. އަތޮޅުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތަކާއެކުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިގޮތުގައި، މިހާތަނަށް ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ޤައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

މި ޤައުމު މިނިވަންކަންމަތީ ދެމިއޮތީ ކާބަފައިން ކުރައްވާފައިވާ ބުރަ މަސައްކަތްތަކަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ބޭނުމަކީ ދައުލަތެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެއްދުން ކަމަށެވެ.

“ރާއްޖެއަކީ ދުވަސްވީ ޤަދީމީ ޤައުމެއް. ހޯދުންތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި ދިވެހި ދައުލަތެއް ހިނގަމުންދާތާ 4000 އެއްހާ އަަހަރު ވެއްޖެ. މި ގޮތުން އެކިފަހަރު ދިވެހިންގެ މިނިވަންކަމަށް ލޮޅުން އެރި. ނަމަވެސް ކޮންމެ ފަހަރަކުވެސް އަޅުވެތިކަމަކުން ސަލާމަތްވުމުގެ ތާރީޚެއް މި ޤައުމުގައި އޮތީ.” ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި “ދިވެހި ތާރީޚަށް އައު އަލިކަމެއް” މި ފޮތް ދިވެހިބަހާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި އިފްތިތާޙްކުރެވުނެވެ. މި ފޮތް ވެބްސައިޓުގައި އިފްތިތާޙުކޮށްދެއްވީ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...