ހެންވޭރު ފެރީ ޓާމިނަލް އަތޮޅުތަކުގެ ލޯންޗުތަކަށް ހުޅުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓާމިނަލްގެ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން މި ޚިދުމަތް ފެށިފައިވަނީ އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ މަޤްޞަދުގައެވެ.

މި ޚިދުމަތް ބޭނުންކުރުމަށް އދ. އަތޮޅު، ކ. އަތޮޅު އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ޚިދުމަތްދޭ 7 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ހުޅުމާލެ ފެރީ ޓާމިނަލް ހުޅުވާލެވިފައި ވީނަމަވެސް، އެތަން ބޭނުންކުރުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާކަމަށް ވެއެވެ.

އެމްޓީސީސީގެ ސީއީއޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވިގޮތުގައި ހެންވޭރު ފެރީ ޓާމިނަލަކީ ބާރުބޮޑު ތަނަކަށްވާތީ، ލޯންޗް ފެރީގެ ޚިދުމަތް ދޭ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

މި ޚިދުމަތް ފެށުމާއެކު ދުވާލަކު 15 ލޯންޗް ފެރީއަށް ޚިދުމަތް ދެވޭނެކަމަށާއި ގާތްގަނޑަކަށް 2000 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވެއެވެ. ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެއެވެ.

ދަތުރުވެރިންގެ ފަސޭހައަށްޓަކައި ޓާމިނަލްގައި މަޑުކުރާ ޚާއްޞަ ސަރަހައްދެއް ތައްޔާރުކުރެވޭނެ ކަމަށާއި، ފާޚާނާ ޚިދުމަތާއި ބޯފެން ލިބުމުގެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...