މާޅޮހާއި ކުޑަރިކިލުގައި މިސްކިތް އަޅަން ހަވާލުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

މާޅޮހާއި ކުޑަރިކިލުގައި މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ 11 ރަށެއްގައި އަޅާ މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން މާޅޮސް އާއި މިއަތޮޅު ކުޑަރިކިލުގައި އަޅަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި އަތޮޅުގެ މި ދެ ރަށުގެ އިތުރުން ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގައިވެސް500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ވަނީ ހަމަޖެހިފައިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށެވެ.

މާޅޮހު މިސްކިތް އަޅަން އެމްޓީސީސީއާ ހަވާލުކުރިއިރު، ކުޑަރިކިލު މިސްކިތް އަޅަން ހަވާލުކުރީ ފެނަކަ އާ އެވެ. މި މަސައްކަތް އެ ދެ ކުންފުންނާ ވެސް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...