ފީނައިގެން ބ. އަތޮޅުން ދުނިޔޭގެ ރިކޯޑު ފޮތަށް އަރަން މަސައްކަތްކުރަނީ

އޭދަފުށި ޓައިމްސްޚަބަރު
ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދުމަށް ބ. އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ އެއްބަސްވުމުގައި ސޮއިކުރަނީ—ފޮޓޯ/ ބ. އަތޮޅު ކައުންސިލް

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބ އަތޮޅުގައި ވޯލްޑް ރެކޯޑެއް ހަދަން ފްރީޑައިވް މޯލްޑިވްސްއާ އެކު ބ އަތޮޅު ކައުންސިލުން އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވި ފަހުދު ފާއިޒްއެވެ. ބ. އަތޮޅު ކައުސިލުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް އެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މިއަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކާއި މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

އެގޮތުން “ބާނި” ނަމުގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި އަތޮޅު އަނގަފަރު ސަރަހައްދަށް އެއްފަހަރާ ހާހެއްހާ މީހުން ޖަމާވެ ފީނައިގެންނެވެ. މި އިވެންޓް އޮންނާނީ މިއަހަރުގެ އޮކްޓޯބަރުމަހު 3 ވަނަ ދުވަހު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިހަރަކާތުގެ މައިގަނޑު މަގުސަދަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރި ކުރުވުމާއި އަދި ބ. އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމެވެ.

ދުނިޔޭގެ ރެކޯޑް ހެދުމަށް މި އަހަރު ބާއްވާ މި ހަރަކާތަކީ އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

މިހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ބ. އަތޮޅު ބަޔޮސްފިއާ ރިސާވްއާއެކު ވެސް އެއްބަސްވުމެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ބ. އަތޮޅު ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...