ރައީސް، ނ. އަތޮޅަށް ވަޑައިގެންފި

އޭދަފުށި ޓައިމްސްޚަބަރު

ނ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސް، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދަވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވާފައިވާ ބައެއް މަސައްކަތްތައް ވެސް ފައްޓަވައި ދެއްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ހިމެނެ އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...