ހިތާދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

އަތޮޅުތެރެއިން

ބ. ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

25.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން މިހާރު ކުރަން ހުރީ ޗެނަލް ފުންކުރުމާއި މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 595.7 މީޓަރުގެ ބޭރު ތޮށި ލުމާއި، 27،435 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 75 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން 335.88 މީޓަރުގެ ޕްރީކާސްޓް އެލް ބްލޮކް ކޮއިވޯލްއެއް ހެދުމާއި، 1،729.4 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވިންގ އެޅުމާއި، 22 މީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...