ބީއެމްއެލްގެ ކާޑުލިމިޓް ނަހަމަގޮތުގައި ބޭނުން ކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރަށް ގެންދިޔަ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުން ކުރާތީ، އެކަން ނުކުރުމަށް އެ ބޭންކް އިން މިއަދު އެދިއްޖެއެވެ.
ބީއެމްއެލް އިން ވަނީ މި އަހަރުގެ ނޮވެމްބަރުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށްފައެވެ. އަދި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓްއާއި ހޮޓެލް ބުކިންއަށާއި ސިއްހީ ފަރުވާއަށް އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައި ވެއެވެ.
ބީއެމްއެލް އިން ވިދާޅުވީ މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން އެ ބޭންކަށް ފާހަގަކުރެވިފައިވާ ކަމށެވެ. މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
ބީއެމްއެލް އިން ވިދާޅުވީ، މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަދި މީގެ އިތުރުން ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
“އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށްވާތީވެ، ކުރިއަށް އޮތްތަނުގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ،”. އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
ބީއެމްއެލް އިން ވަނީ މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެކަމަށްވެސް ވިދާޅުވެފައެވެ.
ބީއެމްއެލް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު، ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަަމަށްވެސް ބީއެމްއެލް އިން ވިދާޅުވެފައި ވެއެވެ.
“އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް މި ބޭންކުން އިލްތިމާސް ކުރަން،”. ބީއެމްއެލްގެ ބަޔާނުގައި ވެެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...