މުޅި ރާއްޖެއަށް ހުޅުވާލައިގެން އޭދަފުށީގައި “ބޫޓް ރޫމް އަންޑަރ 17 ޔޫތު ކަޕް” ބާއްވަނީ

އޭދަފުށީގައި އޮންނަ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމްގައި “ބޫޓް ރޫމް އަންޑަރ 17 ޔޫތު ކަޕް 2026” ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް ހުޅުވާލައިފިއެވެ.
އުމުރުން 17 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކުރާ މުބާރާތް އިންތިޒާމުކުރަނީ އޭދަފުށީގައި ކާމިޔާބުކަމާއެކު ފުޓްބޯޅަ އެކަޑެމީ ހިންގަމުން އަންނަ އާޖީލަކަށް އިވެންޓްސް އިންނެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ދާދިފަހުން އޭދަފުށީގައި ހުޅުވި “ބޫޓު ރޫމް” ކުޅިވަރު ފިހާރަ އެވެ.
އާޖީލަކަށް އިވެންޓްސް އިން ބުނީ އޭދަފުށީގައި ބާއްވާ މުބާރާތުން އެކަޑެމީތަކަށާއި، އެ އުމުރުފުރައިން ނަގާ ރާއްޖޭގެ ކޮންމެ ޓީމަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
މުބާރާތް ކުރިއަށްގެންދަން މިހާރު ރާވާފައިވަނީ 2026، ފެބްރުވަރީ 5 އިން 7 އަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރީވާން ޖެހޭނީ ޖަނަވަރީ 20 ވަނަ ދުވަހުގެ ކުރިންނެވެ.
އާޖީލަކަށް އިވެންޓްސް އިން ބުނީ ޔޫތު ފުޓްބޯޅަ މުބާރާތާއެކު، ޔޫތު ފުޓްބޯޅަ ތަރައްގީވެ ވާދަވެރި ޕްލެޓްފޯމެއްގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މުބާރާތުގައި ވާދަކުރުމުގެ ޝައުގުވެރިކަން ރާއްޖޭގެ މަޝްހޫރު އެކަޑެމީތަކާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުން ވެސް މިހާރު ވަނީ ފާޅުކޮށްފައެވެ.
ޝައުގުވެރިވާ ޓީމުތަކުން 7740374 ނަންބަރަށް ގުޅުމަށް އާޖިލަކަށް އިވެންޓްސް އިން އެދިފައިވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
