ތުޅާދޫއާއި މީދޫގެ 400 އަހަރުވީ ގުޅުން އާލާކުރުމަށް ހާއްސަ ހަރަކާތްތަކެއް

އަތޮޅުތެރެއިން

މި އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށާއި، ދެ ރަށުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އާލާކުރުމަށް ރ. މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބ. ތުޅާދޫއަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގައި މީދޫގެ އެކި އުމުރުފުރާތަކުން 315 މީހުން ބައިވެރިވެފައިވާއިރު، ތުޅާދޫގެ ރައްޔިތުން ވަނީ އެމީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މީދޫގެ ރައްޔިތުންނަށް މަރުހަބާ ކިޔުމަށާއި އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ ތުޅާދޫއަށް ވަޑައިގެންފައެވެ.

މި މުނާސަބަތަށްޓަކައި ތުޅާދޫ ވަނީ ކުލަކުލައިގެ ދިދަތަކާއި ބެނާތަކުން ޒީނަތްތެރިކޮށް، މުޅި ރަށުން އީދެއް ފަދަ ފޯރިއެއް ފެނިގެން ގޮސްފައެވެ.

ތުޅާދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، ބ. ތުޅާދޫއާއި ރ. މީދޫއަކީ ތާރީހީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ރަށެވެ. މި ގުޅުން އުފެދުނު ސީދާ ތާރީހެއް އެނގެން ނެތް ނަމަވެސް، މިއީ ގާތްގަނޑަކަށް 400 އެއްހާ އަހަރުވީ ބަދަހި ގުޅުމެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ދަތުރުގެ މައިގަނޑު މަގްސަދަކީ ކާބަފައިންގެ ޒަމާނުން ފެށިގެން އޮތް މި އެކުވެރިކަން އަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދެއްކި ދެ ރަށުގެ ރައްޔިތުން ވަނީ މި ގުޅުމާމެދު ފަހުރުވެރިވާކަން ހާމަކޮށްފައެވެ. “ހަގީގަތުގައި މިއީ ވަރަށް ދުވަސްވީ ގުޅުމެއް. މި ގުޅުން މިހެން ދެމިއޮންނާތީ ވަރަށް އުފާވޭ. އެތަކެއް ޒަމާނެއްވީ ގުޅުމެއް މިއީ، އެއްވެސް ހީނަރުކަމެއް ނާދޭ،” ކަމަށް ބައެއް ރައްޔިތުން ބުނެފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރެއިން މިރޭ ހާއްސަ ޖާފަތަކާއި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ދެ ރަށުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން މާދަމާ ހެނދުނު އެއްބައިވަންތަކަމުގެ ދުވަހުގެ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ހަނދާނުގައި މުޅި ރާއްޖޭގައި ގެންނަ ސުކޫތުގައި ބައިވެރިވުން އޮންނާނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...