ފަންނުވެރިކަން ކުރިއަރުވަން ތުޅާދު އާއި ރ. މީދޫ އާ ދެމެދު އެއްބަސްވުމެއް

ފަންނުވެރިކަން ކުރިއަރުވައި އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްޞަ ޖާފަތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްއެވެ. ރ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް ޙަސަން ޝަރީފެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.
އެއްބަސްވުމުގެ މައިގަނޑު މަގުސަދުތައް
މި އެއްބަސްވުމުގެ ދަށުން ދެ ރަށުގެވެސް ފަންނުވެރިކަމާއި ހުނަރު އެއްރަށުން އަނެއް ރަށަށް ފޯރުކޮށްދީ، އެކި ދާއިރާތަކުން ދެރަށުގެ ރައްޔިތުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ކުރެވެން ހުރި އެކި މަސައްކަތްތައް ކުރުމުގައިވެސް ދެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ތުޅާދޫއާއި ރ. މީދޫއާއި ދެމެދު ޒަމާނުންސުރެ އޮތް އެކުވެރިކަން ދަމަހައްޓައި، އެ ގުޅުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ. މި ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ދެ ރަށުގެ ދެމެދުގައި ވަނީ ފައްތޫރައިގައި ސިއްކަ ޖައްސަވާފައެވެ. އަދި މި ދަތުރުގެ ހަނދާނެއްގެ ގޮތުން މީދޫ ކައުންސިލުން ވަނީ ތުޅާދޫ ކައުންސިލަށް ޚާއްސަ ހަނދާނީ ފިލާއެއް އަރުވާފައެވެ.
ދެ ރަށުގެ ފަންނުވެރިކަން
ބ. ތުޅާދޫއަކީ ރާއްޖޭގައި ލިޔެލާ ޖެހުމުގެ މަސައްކަތަށް ނަންމަޝްހޫރު، އެ މަސައްކަތުގެ ފުންނާބު އުސް މޮޅެތި ފަންނުވެރިން ތިބި ރަށެކެވެ. ހަމައެގޮތަށް ރ. މީދޫއަކީ ވަޑާމުގެ އެކި މަސައްކަތްތަކާއި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ރަށެކެވެ.
މި އެއްބަސްވުމުގެ ސަބަބުން މި ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދެ ރަށުގެ ފަންނުވެރިކަން ކުރިއެރުވުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
