ޒައިދު، އޭދަފުށީ ކައުންސިލް ރައީސް ޕީއެންސީ ޕްރައިމަރީ ކާމިޔާބުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ބ. އޭދަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުވެސް އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒައިދު އަލީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އޭދަފުށީގައި ކުރިއަށްދިޔަ މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޒައިދު އަލީ އަށް ޖުމްލަ 250 ވޯޓު ލިބިފައިވެއެވެ. އޭނާއާ ވާދަކުރެއްވި ޔޫސުފް މޫސާއަށް ލިބިފައިވަނީ 73 ވޯޓެވެ.
ޒައިދު އަކީ މިދިޔަ ދެ ދައުރުގައި އޭދަފުށީ ކައުންސިލްގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، ކައުންސިލްގެ ތަޖުރިބާހުރި ބޭފުޅެކެވެ. މި ކާމިޔާބީއާއެކު އޭނާ ވެގެންދާނީ ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އޭދަފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނެ ރަސްމީ ކެންޑިޑޭޓަށެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
