ރާއްޖޭގެ ހުރިހާ އެކަޑަމީތަކަށް ބައިވެރިވެވޭ 14 އަހަރުންދަށުގެ މުބާރާތެއް

ރާއްޖޭގެ ހުރިހާ އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ކްލަބްތަކުގެ އެކަޑަމީތަކަށާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެކަޑަމީއަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ އިތުރުން، އެފްއޭއެމްގެ އެކަޑަމީ ދަފްތަރުގައި އެކްރެޑިޓްކޮށްފައި ނުވާ އެކަޑަމީތަކަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަދަ އެކަޑަމީތަކުން ފޯމު ހުށަހެޅުމަށްފަހު، އެކްރެޑިޓޭޝަންގެ މިންގަނޑުތައް ފުރިހަމަކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
ބައިވެރިވުމުގެ ސުންގަނޑި އަދި މުބާރާތް ފަށާ ތާރީޚު
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖެނުއަރީ 11 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ. ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެފްއޭއެމްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ. މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ވެސް އެފްއޭއެމުން ވަނީ މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން ‘ދިވެހި ޔޫތު ލީގު’ ގެ ނަމުގައި ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން މުބާރާތެއް ބާއްވާފައެވެ. އޭގެ ތެރޭގައި 14 އަހަރުން ދަށުގެ ލީގު ވެސް ހިމެނެއެވެ.
އެފްއޭއެމުން ބުނި ގޮތުގައި، ސީދާ އެސޯސިއޭޝަނުން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ޔޫތު ޑިވެލޮޕްމެންޓް ފުޓްބޯޅަ އާއި ގްރާސްރޫޓް ފުޓްބޯޅަ ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މުބާރާތުގެ ސަބަބުން ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
