އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ރަށްރަށުގައި ގާއިމުކުރަނީ

ޚަބަރު

އުމުރުން ދުވަސްވީ މީހުން އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ގުޅުން ބަދަހިކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ހަރަކާތްތައް ހިންގުމަށްޓަކައި ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް ބިނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ރަށްރަށުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެފަދަ ތަންތަން ގާއިމުކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ކުރެވުނު މަޝްވަރާތަކުން 77 ކައުންސިލަކުން ވަނީ އެ ރަށްރަށުގައި އިސްރަށްވެހިންގެ ނާދީ ނުވަތަ ޖަގަހަ ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. “77 ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިސް ރަށްވެހިން އެއްވެލާނެ ތަނެއް ހެދުމަށް. އެ ބޭފުޅުންނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ އެކަން އެތުރިގެން ދާނެ ގޮތާ މެދު،” ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ނާދީތައް ގާއިމުކުރާ ރަށްރަށުގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މާލޭގައި މިހާރު ހިންގަމުންދާ އިސްރަށްވެހިންގެ ނާދީއާ އެއްގޮތް ހިދުމަތްތަކެއް ރަށްރަށުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން، ކައުންސިލިންގެ ހިދުމަތާއި، އިސްރަށްވެހިންގެ ތަޖުރިބާ އާ ޖީލުތަކަށް ހިއްސާކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ރަށްރަށުގައި ގާއިމުކުރާ މަރުކަޒުތަކުން ވެސް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...