އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރަނީ

ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށްގެންދާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ނިންފާއި ވަނީ ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް އިތުރު ހައުސިން ޔުނިޓް އިމާރާތް ކުރަން ހަވާލުކުރަން ކަމަށެވެ.

“މިއާ އެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަންނަ ޖަނަވަރީ މަހު ފެށޭނެ،” ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީގެ މަގާމު ވެސް ފުރުއްވާ ސައީދު ވިދާޅުވި އެވެ.

މި ކުންފުންޏަކީ ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އިއުލާންކުރި ‘ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓު’ ގެ ދަށުން، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި ކުންފުންޏެކެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ‘ލީސް ޓު އޯން’ ނުވަތަ ކުއްޔަށް ދިރިއުޅުމަށްފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުންނެވެ.

ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަސައްކަތް ފެށުން

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހައުސިން ޔުނިޓުތައް އެޅުމަށް ބައިނަލްއަގުވާމީ ދެ ކުންފުންޏަކާއެކު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އެވެ. ބީޔޫސީޖީއާ 1,117 ޔުނިޓު ހަވާލުކޮށްފައިވާއިރު، ސީއެމްއީސީއާ ހަވާލުކޮށްފައިވަނީ 1,224 ޔުނިޓު ތަރައްގީ ކުރުމަށެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު ވިދާޅުވީ، ބޭރުގެ ކުންފުނިތަކުގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. “މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކެއް ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް ހަވާލުކުރަން ވަނީ ހަމަޖެހިފައި،” ސައީދު ވިދާޅުވިއެވެ.

އަމަލީ މަސައްކަތް ޖަނަވަރީގައި

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން، ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 އާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހެއެވެ. ބީއެމްއެލް އިން ބުނި ގޮތުގައި ޖުމުލަ 3,000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...