ބ. ހިތާދޫގައި ސޯލާ-ޑީޒަލް ހައިބްރިޑް ކަރަންޓު ނިޒާމެއް ގާއިމުކުރަނީ

ބ. ހިތާދޫގައި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއަކީ ރަށުގެ ގްރިޑްގެ ހަމަޖެހުން ކަށަވަރުކުރުމަށާއި ޑީޒަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ހިތާދޫގައި 371.8 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީ.ވީ. ކެޕޭސިޓީއާއި 618 ކިލޯވޮޓް-ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ގާއިމުކުރެވޭނެއެވެ. މި ނިޒާމުގެ ސަބަބުން ރަށުގެ ކަރަންޓު އުފެއްދުމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ތިމާވެއްޓަށާއި އިގްތިސާދަށް ލިބޭނެ ފައިދާތައް
މި ނިޒާމު ބަހައްޓައި ހިންގަން ފެށުމުން، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އަހަރަކު 174,480 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ކޮންމެ އަހަރަކު 427 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކުރެވޭ މިންވަރު މަދުކުރެވޭނެއެވެ.
މި މަޝްރޫއަކީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
