ސިއްހީ މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އާ ސޮފްޓްވެއަތަކެއް ތައާރަފްކޮށްފި

ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އައު ސޮފްޓްވެއަރތަކެއް މިއަދު ތަޢާރަފްކޮށްފިއެވެ.

މި ސޮފްޓްވެއަރތައް އިފްތިތާޙުކުރުމަށްޓަކައި ސިއްޙީ ވުޒާރާގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މި ސޮފްޓްވެއަރތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްޕް ޑެސްކް ސަޕޯޓް އަދި މެޑިކަލް ސްޓޮކް ސިސްޓަމް

ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސިއްޙީ ވުޒާރާއިން އިފްތިތާޙްކުރި އެއް ސޮފްޓްވެއަރއަކީ “ހެލްޕް ޑެސްކް ސަޕޯޓް” އެވެ. މި ސޮފްޓްވެއަރއަކީ ސިއްޙީ ވުޒާރާއާއި ސިއްޙީ މަރުކަޒުތަކާ ދެމެދު ކުރެވޭ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ހަމަޖައްސައި، އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ތަޢާރަފްކުރި ސިސްޓަމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން “މެޑިކަލް ސްޓޮކް ސިސްޓަމް” ގެ ނަމުގައި ވެސް ސޮފްޓްވެއަރއެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ސޮފްޓްވެއަރގެ ބޭނުމަކީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓަމުންދާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ބަލަހައްޓައި، އެ މަޢުލޫމާތު ވަގުތުން ވުޒާރާއަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމެވެ.

މަސައްކަތްތައް ޑިޖިޓަލްކުރުން

ސިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި، އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށް ހުރިހާ ސިއްޙީ މަރުކަޒުތަކެއްގައި ސޮފްޓްވެއަރތައް ތަޢާރަފް ކުރަމުންދާނެއެވެ. އަދި ވުޒާރާއަށް ހިއްސާކުރަންޖެހޭ ލިޔެކިއުންތައް ޑިޖިޓަލްކޮށް ހިއްސާކުރުމަށްޓަކައި ވެސް ސޮފްޓްވެއަރއެއް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަޢާރަފްކުރެވުނު މި ސޮފްޓްވެއަރތަކުގައި ބޭނުންކުރެވޭނެ ޑިޖިޓަލް ވަސީލަތްތައް ކުރިއަށް އޮތް ތަނުގައި އިތުރުކުރަމުންދާނެ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...