މިއަހަރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގާބިލް މީހުން ބިނާކުރުން: ރައީސް

ޚަބަރު

މިއަދު ފެށުނު 2026 ވަނަ އަހަރަކީ ގައުމު ބިނާކުރުމުގެ މަސައްކަތާ އެކު، ގައުމަށް ވަފާތެރި އަދި ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ރާއްޖެ ގެންދިއުމަށް ކުރާ ދަތުރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި ގޮތުގައި 2026 ވަނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭ ތާރީހީ އަހަރެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މި ޖީލުގެ ދިވެހިންނާ ބައްދަލުވާނޭ އެންމެ ހައިބަތު ހުރި އެއް ތާރީހު ކަމަށާއި، މި އަހަރު ވެގެންދާނީ ދިވެހިން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނޭ އަހަރަކަށް ކަމަށެވެ.

ދިވެހިންގެ ތާރީހުން ފެންނަން އޮތް ހަގީގަތަކީ ކޮންމެ އަހަރަކު ވެސް ގައުމަށް ކުރިއެރުން ހޯދުމަށް ދިވެހިން ގަދައަޅައި މަސައްކަތް ކުރަމުން އައިސްފައިވާކަން ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމުގެ ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީގައި ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަ ކުރުމަކީ ދިވެހިންގެ ރޫހު ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންމެ އައު އަހަރެއްގެ ފެށުމަކީ ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށް ކޮށްދެވޭނެ ހިދުމަތްތަކާ މެދު ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމަށް އަޒުމު އައުކުރަންޖެހޭ ވަގުތެއް ކަމަށެވެ. “ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ވެސް ބިނާކޮށްދިނުމެވެ،” ރައީސްގެ ހިތާބުގައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...