ދޮންފަނުގައި ސޯލާ- ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީން ފަށައިފިއެވެ.

މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ހަކަތަ ރައްކާކުރުމަށްޓަކައި 537.6 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ވެސް މި މަޝްރޫއުގެ ދަށުން އެ ރަށުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، ދޮންފަނުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލުން ބޮޑު މިންވަރެއް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...