ގޯލްޑަންގެ ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށި މިރޭ، ޗެމްޕިއަން ކާށިދޫއާ ދެކޮޅަށް

ކުޅިވަރު
މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި ކާށިދޫ ބަލިކޮށް އޭދަފުށިން ޒޯން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށީ ފުޓްސަލް ޓީމު މިރޭ، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކ. ކާށިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޗެމްޕިއަނުންގެ ގޮތުގައި ކާށިދޫ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާއިރު، އޭދަފުށި މި މެޗުގައި ކުޅެނީ 2024 ވަނަ އަހަރުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

އޭދަފުއްޓާއި ކާށިދޫ ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލްގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. ޒޯންގެ ލީގު ބުރުގައި ދެޓީމުގެ މެޗު 7-4 އިން ކާމިޔާބުކުރީ އޭދަފުށިންނެވެ. އަދި، ޒޯން ފައިނަލުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 1-3 އިންނެވެ.

އޭދަފުށިން 2024 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ ލ. ގަން ބަލިކޮށްގެންނެވެ. ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު ތަފާތު ރޫހެއްގައި މޮޅު ކުޅުމެއް ދައްކައި ކާށިދޫ އިން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ހދ. ނައިވާދޫ އަތުން މޮޅުވެގެންނެވެ.

އޭދަފުށިން ވަނީ 2025 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ގަން އަތުން 0-1 އިން ބަލިވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް މެޗު ފެށީ 2023 ވަނަ އަހަރު އެވެ. 2023 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ ކ. ގާފަރެވެ. ތ. ތިމަރަފުއްޓާ ވާދަކޮށް ގާފަރު މޮޅުވީ 2-3 އިންނެވެ. އޭގެފަހުން 2024 ވަނަ އަހަރުގެ ޗެރިޓީ މެޗުގައި ގަން ވަނީ ތިމަރަފުށި އަތުން 3-2 އިން މޮޅުވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 119 ރަށަކުން ބައިވެރިވެއެވެ. ބ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ އޭދަފުއްޓާއި ފެހެންދޫ އަދި މުބާރާތުގައި އަލަށް ވާދަކުރާ ދަރަވަންދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ އޭދަފުށީ ޓީމު މިއަހަރު ވެސް އެކުލަވާލީ ޔުނައިޓެޑް ވީ އިންނެވެ. އޭދަފުށި ގޯލްޑަން ފުޓްސަލްގައި ބައިވެރިވާން ފެށީއްސުރެ ޔުނައިޓެޑް ވީއަކީ ގޯލްޑަން ފުޓްސަލްއަށް ޓީމު ނެރޭ އޭދަފުށީގެ ޖަމިއްޔާއެވެ.

އޭދަފުއްޓާއި ކާށިދޫ ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ ރެހެންދި ޓާފް ގްރައުންޑް އެކެއްގަ އެވެ. މެޗު ފަށާނީ މިރޭ 8:45 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...