ތުޅާދޫ ހައުސިން ޔުނިޓްތަކަށް މިނިސްޓްރީން ހުޅުވާލުން ގާނޫނާހިލާފު: އެމްޑީޕީ

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން، އެ ނިންމުން ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ތުޅާދޫގައި އަޅާފައިވާ މި ހައުސިން ޔުނިޓްތައް ދޫކުރުމަށް 2022 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން އިއުލާންކޮށްފައިވެއެވެ. ނަމަވެސް، އެ އިއުލާންތަކުގައިވާ ކަންކަމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މަސައްކަތް މުރާޖައާކުރުމަށް އަމުރުކޮށްފައެވެ.
އެމްޑީޕީން ބުނި ގޮތުގައި ކައުންސިލުން އެ މަސައްކަތް ކުރަމުން ދަނިކޮށް، ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީގެ ދަށަށް މި މަސައްކަތް ބަދަލުކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.
ހައުސިން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ބުނީ، ކޯޓުގެ އެންގުމާ އެކު ވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ މަސައްކަތް ސީދާ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސީދާ ގާނޫނޫއަސާސީ އާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް” ކަމަށެވެ.
އަދި އިދާރީ ހިންގުމުގެ ބާރުތައް އެއް މިނިސްޓްރީއަކަށް ޖަމާކުރުމަކީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ މަކަރުވެރި ރޭވުމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
އެމްޑީޕީން ވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ތުޅާދޫ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލާފައެވެ.
ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
