ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ތަމްރީނުކުރަން ފަށައިފި

ޚަބަރު

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ 7،000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިހާބަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުން ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ.

“ޓްރެއިނިން އޮފް ޓްރެއިނާސް” (ޓީއޯޓީ) ގެ ނަމުގައި މާލޭގެ ސީއެޗްއެސްސީގައި ކުރިއަށްދާ މި ޕްރޮގްރާމަކީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެއެވެ.

އީސީން ބުނި ގޮތުގައި މި ޓްރެއިނަރުންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އިސްކޮށް އުޅޭނެ ފަރާތްތަކެވެ.

ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު ބޭނުން

މި ތަމްރީނުތަކުގެ ތެރެއިން ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ފަންނީ އަދި އިލްމީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ މުހިންމު ތަމްރީނުތައްވެސް މި ޕްރޮގްރާމުގެ ތެރެއިން ދިނުމަށް ވަނީ ރޭވިފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ވޯޓު ފޮށިތައް ކައިރީ މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި ހުރިހާ ތަމްރީނުތަކެއް ނިމުމާއެކު، އޮފިޝަލުން އިންތިހާބުގެ އަމަލީ މަސައްކަތްތަކާ ރަސްމީކޮށް ހަވާލުވާނެއެވެ. މިއީ އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...