ކާށިދޫ ބަލިކޮށް އޭދަފުށިން ގޯލްޑަން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫގެ މައްޗަށް 3-1 އިން ކުރިހޯދައި، ބ. އޭދަފުށިން މިއަހަރުގެ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ. މިއީ އޭދަފުށިން މި ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. މެޗުގެ ތެރޭގައި ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، އޭދަފުށީގެ ކީޕަރު މުހައްމަދު ނާސިހު އާއި ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށީގެ ބަދަލު ކީޕަރު މުހައްމަދު ޝާން ވަނީ ތަފާތު ދައްކައި، ކާށިދޫގެ ތިން ޕެނަލްޓީއެއް ހުއްޓުވާފައެވެ. އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް، އަލީ ނަސީމް އަދި އުނައިޝް ޒުބެއިރު އެވެ. މިއީ ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗެއްގެ ނަތީޖާ ޕެނަލްޓީން ނެރުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ކާމިޔާބީއާއެކު އޭދަފުށި ވެފައިވަނީ މި ޝީލްޑް އުފުލާލި ތިންވަނަ ޓީމަށެވެ. މީގެ ކުރިން މި ޝީލްޑް ކާމިޔާބުކޮށްފައިވަނީ ކ. ގާފަރާއި ލ. ގަމެވެ. މިދިޔަ އަހަރުގެ ޝީލްޑް މެޗުގައި އޭދަފުށި ވަނީ ގަން އަތުން ބަލިވެފައެވެ.

މި މެޗުން ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ޗެރިޓީ ޝީލްޑް މެޗަށްފަހު، މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...