ތުޅާދޫގެ 100 ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ސަރުކާރުގެ “ބޯހިޔާވެހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުންނެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އޭޕްރިލް 11، ގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެ ކަމަށެވެ. މި ޔުނިޓްތަކަށް ކުރިމަތިލާން ޖެހެނީ ސަރުކާރުގެ “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މި ޔުނިޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުވެސް މިނިސްޓްރީން ވަނީ މިހާރު އާންމުކޮށްފައެވެ.
ތުޅާދޫ ކައުންސިލުން މި ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ވަނީ މީގެ ކުރިން ހުއްޓުވާފައެވެ. ނަމަވެސް، މިނިސްޓްރީން ވަނީ ކައުންސިލް އަތުން އެ މަސައްކަތް އަތުލުމަށްފަހު، ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލެޓްތައް ދޫކުރުމުގެ މަސައްކަތް ފަށާފައެވެ.
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނެފައިވަނީ، ކޯޓު އަމުރާ ހިލާފަށް މި މަސައްކަތް މިނިސްޓްރީގެ ދަށަށް ނެގީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ތުޅާދޫގައި ތަރައްގީކޮށްފައިވާ މި 100 ހައުސިން ޔުނިޓަކީ ކުރީގެ ސަރުކާރުތަކުން އިމާރާތްކޮށްފައިވާ ތަންތަނެވެ. މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް އާ އެއްވެސް މަޝްރޫއެއް އަމަލީ ގޮތުން ކުރިއަށް ނުދާކަންވެސް ފާހަގަކުރެވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
