ޕީއެންސީގެ ޓިކެޓުގައި އޭދަފުށީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން އިއުލާންކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ބ. އޭދަފުށީ ކައުންސިލަށާއި މިރަށު އަންހެނުންގެ ކޮމިޓީއަށް ވާދަކުރާނެ ކެންޑިޑޭޓުން އެ ޕާޓީން ރޭ އިއުލާންކޮށްފިއެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ޒައިދު އަލީ އެވެ. ކައުންސިލް ރައީސްގެ މަގާމަކީ މި ފަހަރު ޕީއެންސީން އޭދަފުށީގައި ޕްރައިމަރީއެއް ބާއްވަން ޖެހުނު ހަމައެކަނި މަގާމެވެ. ކައުންސިލްގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި މިހާރުވެސް ކައުންސިލްގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.
އެގޮތުން ކައުންސިލް މެންބަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ ނައިބު ރައީސް އަލީ ޝާފީގު އާއި، ކައުންސިލް މެންބަރުން ކަމަށްވާ އަބްދުﷲ ރަޝީދު އަދި ނާޒުނީނާ ޔޫސުފް އެވެ. މީގެ އިތުރުން މިހާރު އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމުގައި ހުންނެވި ޒީމާ އިބްރާހީމް ވެސް މިފަހަރު ވާދަކުރައްވަނީ ކައުންސިލް މެންބަރު ކަމަށެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ މިހާރު އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު އަބްދުއްރަހްމާން އެވެ. އަދި އެ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރައްވާނީ ހައްވާ ސަމީހާ، ޖިނާނު އިބްރާހީމް، ޝާޒްލީން މުހައްމަދު އަދި މިހާރުވެސް އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝަމްލާ އަބްދުﷲ އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންގެ އިތުރުން، އަމިއްލަ ގޮތުންވެސް އޭދަފުށީ ކައުންސިލުގެ ރައީސްކަމަށާއި މެންބަރުކަމަށް ވާދަކުރަން ބައެއް ފަރާތްތަކުން ނުރަސްމީކޮށް އަންނަނީ އިއުލާން ކުރަމުންނެވެ. މިއާއެކު މިފަހަރުގެ އިންތިހާބު އޭދަފުށީގައި ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.
ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ޕާޓީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީން ދަނީ ކުރަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
