ކުށުން ރައްކާތެރިކޮށް ހޭލުންތެރިކުުރުވުމަށް ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް!

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށާއި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ބ. ހިތާދޫގައި ‘ވޯކް އެންޑް ޓޯކް’ ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ކުށުން ރައްކާތެރިކުރުމަށް ބާރުއެޅުމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އޮޅުންފިލުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައެވެ.
މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާ ގުޅިގެން އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި މިހާރު ދެމުންގެންދާ ފުލުހުންގެ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ބަލައި، ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވެއެވެ.
މީގެއިތުރުން، ކުށްމަދުކުރުމަށްޓަކައި ރަށު ފެންވަރުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ފުލުހުން ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިވެ، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ފުލުހުންނާއި ރައްޔިތުންގެ ގުޅުން ހަރުދަނާކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މިފަދަ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
