ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލުތަކަށް ފޮތްތައް ފޮނުވޭނެ: މިނިސްޓަރު

ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ކަހަލަ ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް، އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަށާފައިވާއިރު، މިހާތަނަށް އަތޮޅުތެރޭގެ 60 އިންސައްތަ ރަށްތަކަށް ވަނީ ފޮތްތައް ފޮނުވާ ނިންމާފައެވެ. ކޮންމެ ރަށަކަށްވެސް ފޮތްތައް ފޮނުވަމުންދަނީ އެ ސްކޫލަކަށް އެ އަހަރަކު އަލަށް ވައްދާ ދަރިވަރުންގެ އަދަދުތަކަށް ރިއާޔަތްކޮށްގެންނެވެ.

ފޮތްތައް ފޮނުވުމުގައި ހުރި ގޮންޖެހުންތައް
ފޮތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ފޮތްތައް ތަރުތީބުކުރުމާއި ފޮނުވުމުގައި ޖާގައިގެ ދަތިކަމާއި ލޮޖިސްޓިކްސްގެ ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ޚާއްޞަކޮށް ކުރިން އަރަބިއްޔާގައި ހުރި ގުދަން އަމީނިއްޔާއަށް ބަދަލުކުރުމުން ދިމާވި ޖާގައިގެ ދަތިކަމާއި، މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ބޯޓުފަހަރަށް ތަކެތި ބަރުކުރުމުގައި އުނދަގޫތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މިކަންކަމާއެކުވެސް 100 އިންސައްތަ ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން” ވަޒީރު ވިދާޅުވިއެވެ.
ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް
މާލޭގެ ގިނަ ސްކޫލްތަކުގައި މިހާރު ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައިވާއިރު، އަތޮޅުތަކުގެ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮތްތައް ފޮނުވުމުން އެ ސްކޫލްތަކުން ދަރިވަރުންނަށް ފޮތްތައް ބަހަމުންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސްކޫލް ހުޅުވުމުގެ ތައްޔާރީތައް ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށެވެ. ފޮތްތައް ހަވާލުކުރުމުގެ އިތުރުން، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...