ކަމަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފި

އަތޮޅުތެރެއިން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބ. ކަމަދޫ ސްކޫލާއެކު ފަސް ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ކަމަދޫ ސްކޫލުގެ އިތުރުން ޕްރިންސިޕަލުން ހޯދަނީ ށ. އަތޮޅު ތަޢްލީމީ މަރްކަޒާއި، ށ. އަތޮޅު މަދަރުސާ އާއި، ށ. ފޭދޫ ސްކޫލުގެ އިތުރުން ދ. ހުޅުދެލީ ސްކޫލަށެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ.

ޕްރިންސިޕަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޓީޗަރެއްގެ ގޮތުގައި 2 އަހަރު އަދި ހިންގުމުގެ ދާއިރާގައި 4 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ.

މީގެ އިތުރުން، ލެވެލް 7 ނުވަތަ 8 ގެ ސަނަދަކާއެކު ލެވެލް 9 ގެ ސަނަދެއް އޮވެ، ޓީޗަރެއްގެ ގޮތުގައި 2 އަހަރު އަދި ހިންގުމުގެ ދާއިރާގައި 8 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް މި މަޤާމަށް ކުރިމަތިލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި މަޤާމުގެ އޮނިގަނޑު ބަހާލެވިފައިވަނީ ދެ ރޭންކަކަށެވެ. އެގޮތުން އެއްވަނަ ރޭންކުގެ ޕްރިންސިޕަލަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 16,647 ރުފިޔާ ލިބޭއިރު، އެލަވަންސްގެ ގޮތުގައި 9,534 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި 258 ރުފިޔާ ލިބޭނެއެވެ.

ދެވަނަ ރޭންކުގެ ޕްރިންސިޕަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި 17,985 ރުފިޔާ ކަނޑައަޅާފައިވާއިރު، އެލަވަންސްގެ ގޮތުގައި 10,300 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި 279 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...