ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ގައުމީ ޓީމުގައި ސައްޓު، ފުރަތަމަ މެޗު މިއަދު

އޭދަފުއްޓަށް އުފަން ހުނަރުވެރި ފުޓްބޯޅަ އަދި ފުޓްސަލް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ހިމެނޭ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
ސައްޓު އަކީ މިދިޔަ އަހަރުތަކުގައި ގަވައިދުން ގައުމީ ފުޓްސަލް ޓީމުގައި ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. ސައްޓު ވަނީ ގައުމީ ފުޓްސަލް ޓީމު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރިއިރު ޓީމުގައި މީގެކުރިން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި، މުހިއްމު ގޯލުތަކެއް ވެސް ޓީމަށް ކާމިޔާބުކޮށްދިނެވެ.
ފުޓްބޯޅަ އާއި ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައްޓު އަކީ މިފަހަރުގެ ގައުމީ ޓީމަށް އެކުލަވާލި ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން ޓީމުގެ އެއް ވައިސް ކެޕްޓަނުގެ ޒިންމާ ވެސް ހަވާލުކޮށްފައިވަނީ ސައްޓުއާ އެވެ.
ފުޓްސަލް ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި) އެވެ. ސައްޓުގެ އިތުރުން އަނެއް ވައިސް ކެޕްޓަނަކީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފުރަތަމަ މެޗުގައި މިއަދު އިރުއޮއްސި 6 ޖަހާއިރު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ތިން ވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅޭއިރު ފަސް ވަނަ މެޗުގައި ޖަނަވަރީ 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ސްރީ ލަންކާއާ އެވެ.
މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް ކުޅެ، އެންމެ ކުރި ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕެވެ. މުބާރާތަށް ރާއްޖޭގެ ތައްޔާރީތައް ރަނގަޅެވެ. އެގޮތުން އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން މާލޭގައި އަދި ޗައިނާގައި ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. ޗައިނާގައި 10 ދުވަހުގެ ތަމްރީނު ކޭމްޕެއް ކުރިއަށްގެންދިޔަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖޭގެ ފުޓްސަލް ޓީމު ޕާކިސްތާނާ ދެކޮޅަށް މިއަދު އިރުއޮއްސި 6 ޖަހާއިރު ކުޅޭ މެޗު ޔެސް ޓީވީ އިން ވަގުތުން ދައްކާނެ އެވެ.
ތާރީހީ މެޗަށް ނުކުންނަ ދިވެހި ގައުމީ ފުޓްސަލް ޓީމަށް “އީޓީ” ގެ ކިޔުންތެރިންގެ ނަމުގައި ކާމިޔާބީއަށް އެދެމެވެ.
މުބާރާތަށް ނެގި ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑް:
އިބްރާހިމް ނާޖިހު – ގޯލްކީޕަރު
ޒައިދާން އަހުމަދު (އަސޫ) – ގޯލްކީޕަރު
މުހައްމަދު އިމްރާން (އިންމި)
އަލީ ޝިޔާހު (ޝިޔަޅޭ)
އަހުމަދު ހަމީދު (އައްމަޑޭ)
އިޝާން އިބްރާހިމް (ސައްޓު)
އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)
ހުސެއިން ޝަރީފް (އޮންލީ)
އަބްދުﷲ ޝާފިއު (ޝާއްޕެ)
އަލީ ޝަމާލް އަބްދުﷲ (ޝަންމު)
ހުޒައިފަތު ރަޝީދު (ހުޒޭ)
އަބްދުﷲ ޖުނައިދު (ޖެންނޭ)
އަލީ ހައިޝަމް (ޗުމްޕު)
ހުސެއިން ސުހައިލް (ސޮކޭ)
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
