އިންތިހާބަށް ނުފޫޒު ފޯރުވަން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން އޭސީސީން އެދިއްޖެ

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީތަކުން ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ މި ދުވަސްވަރު، ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމަށެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރިޝްވަތުގެ މުއާމަލާތްތައް ހިންގާކަން ފާހަގަކުރެވޭ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ.
“މިއީ، އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުން ބޮޑު ކަމެކެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ،” އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އަމަލެއް ނުވަތަ ވޯޓަށް އަސަރުކުރާނެ ފަދަ ކޮރަޕްޝަންގެ ކަމެއް ހިނގާނަމަ، އެކަމުގެ މައުލޫމާތު ލަސްނުކޮށް ކޮމިޝަނަށް ހުށަހެޅުމަށް އޭސީސީން ވަނީ އެދިފައެވެ. މައްސަލަ ރިޕޯޓްކުރާއިރު މައްސަލަ ރައްދުވާ ފަރާތާއި، ހިނގި ތަނާއި ދުވަސްވަރު ފަދަ ތަފްސީލުތައް ހިމެނުމަށްވެސް އެދިފައިވެއެވެ.
އޭސީސީން އިތުރަށް ބުނީ، އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅައިފިނަމަ ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން އެ މައްސަލައެއް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
