ތުޅާދޫ ހައުސިން ޔުނިޓްތަކުގެ މައްސަލައިގައި މިނިސްޓްރީ ގޮވައިގެން ކައުންސިލުން ކޯޓަށް

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގް ޔުނިޓާ ގުޅިގެން ހައުސިން މިނިސްޓްރީން ނިންމާފައިވާ ނިންމުންތަކާ މެދު ހިތްހަމަނުޖެހި، ގާނޫނީ ލަފާގެ ދަށުން އެ މިނިސްޓްރީ ކޯޓަށް ހާޒިރުކުރުމަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 270 ވަނަ އާންމު ޖަލްސާގައެވެ.
ތުޅާދޫ ކައުންސިލުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ، އެ ރަށު ހައުސިން ޔުނިޓުތަކާ ގުޅިގެން ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި އިއުލާނުތައް ހައުސިން މިނިސްޓްރީން ބާތިލުކޮށްފައިވާތީއެވެ. ނަމަވެސް، މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ލަފާ ހޯދުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ، ކައުންސިލުގެ ހިތްހަމަނުޖެހުމަކީ ސީދާ ރައްޔިތުންގެ ކަންބޮޑުވުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހައުސިން ޔުނިޓުތަކަށް އިއުލާނުކޮށް، ހުރިހާ މަރުހަލާއެއް ނިމި، އެގްރީމެންޓުގައި ސޮއިކުރާ ހިސާބަށް ކަންކަން ގޮސްފައި ވަނިކޮށް މިނިސްޓްރީން އެކަން ބާތިލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
“މި ހިސާބަށް އައި އިރުގަ ދެން އަނެއްކާ މިނިސްޓްރީން އިއުލާނުކޮށްގެން، ފޯމު ހުށަހަޅައިގެން، ޝަކުވާ ހުށަހަޅައިގެން، ހަމަ މުއްދަތުތަކެއް ދިގުލާ ދާނެ ކަމަށް އަސްލު ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ” އާދިލް ވިދާޅުވިއެވެ. މިނިސްޓްރީން އަލުން މި މަސައްކަތް ފެށުމުން، ޝަކުވާ އަށް ފުރުސަތު ހުޅުވާލުމާއި ދާއިމީ ލިސްޓު އިއުލާނުކުރުން ފަދަ ކަންކަމަށް އިތުރު ވަގުތު ހޭދަވެ، ރައްޔިތުންނަށް ފްލެޓު ލިބުން ލަސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކައުންސިލުން އެދެނީ މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތަށް އަމަލުނުކޮށް، އެ މަސައްކަތް އަލުން ކައުންސިލާ ހަވާލުކުރުމަށެވެ. ހުރިހާ މަރުހަލާއެއް ނިމިފައި އޮތުމުން، މިނިސްޓްރީން ހުރަސްނާޅާ ކައުންސިލަށް އެކަން ނިންމާލުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް އާދިލް ވިދާޅުވިއެވެ. އަދި މި ކަމުގައި މިނިސްޓްރީން ކައުންސިލަށް ދޭ އެއްބާރުލުން ކުޑަ ކަމަށާއި، މިނިސްޓްރީގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވެނީވެސް ވަރަށް އުނދަނގުލުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
