ފެހެންދޫ އާއި ދަރަވަންދޫ މެޗުން ގޯލްޑަން ފުޓްސަލްގެ ބ. އަތޮޅު ބުރު މިއަދު ފަށަނީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ މެޗުތައް މިއަދު ފަށާނެ އެވެ.
އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ފެހެންދޫ އާއި ދަރަވަންދޫ އެވެ. މުބާރާތުގައި ބ. އަތޮޅުން ދެން ވާދަކުރަނީ އޭދަފުއްޓެވެ.
ތިން ޓީމުގެ މެދުގައި މެޗުތައް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
އަތޮޅު ބުރުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އޭދަފުށި ނުކުންނާނީ ދަރަވަންދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އެރޭ 8 ޖަހާއިރު އެވެ. އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާ ފެހެންދޫ ވާދަކުރާ މެޗު އޮންނާނީ ޖަނަވަރީ 19 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރު އެވެ.
އަތޮޅު ޗެމްޕިއަންކަން ކަނޑައަޅަން ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 22 ވަނަ ދުވަހުގެ ރޭ 21:45 ގަ އެވެ.
އަތޮޅު ބުރުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު 6 ފަހަރު ވެސް ހޯދީ އޭދަފުށިންނެވެ. އެގޮތުން އޭދަފުށިން ވަނީ 2018، 2019، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި އަހަރު ވާދަކުރާ ތިން ޓީމުގެ ތެރެއިން، ފެހެންދޫ ވަނީ 2023 ވަނަ އަހަރުގެ އަތޮޅު ފައިނަލުގައި ވާދަކޮށް އޭދަފުށި އަތުން ބަލިވެފަ އެވެ. ދަރަވަންދޫ ގޯލްޑަން ފުޓްސަލްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން މުބާރާތުގައި ގަވައިދުން ވާދަކުރަމުން އަންނަ ތުޅާދޫ މިއަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ.
ފެހެންދޫ އާއި ދަރަވަންދޫ ވާދަކުރާ މެޗު މިއަދު ހަވީރު 5 ޖަހާއިރު ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 2 ގައެވެ.
މިއަހަރުގެ މުބާރާތުގައި 119 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-4 އިން ހދ. ނައިވަދޫ ބަލިކޮށް ކ. ކާށިދޫ އެވެ.
މިއަހަރުގެ މުބާރާތް ހުޅުވަން ކުޅުނު ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށިން ވަނީ ޕެނަލްޓީގައި ކާށިދޫ ބަލިކޮށްފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
