ގޯލްޑަން ފުޓްސަލް 2026: ދަރަވަންދޫ އިން ފަހަތުން އަރައި ފެހެންދޫ ބަލިކޮށްފި

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ބ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ދަރަވަންދޫ އިން ފެހެންދޫގެ މައްޗަށް ކުރި ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް ދޭއްގައި ކުޅުނު މެޗުން ދަރަވަންދޫ މޮޅުވީ 1-2 އިންނެވެ.
މިއީ ގޯލްޑަން ފުޓްސަލްގެ ތާރީޚުގައި ވެސް ދަރަވަންދޫ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ މޮޅާ އެކު އެޓީމު ވަނީ ތިން ރަށުން ވާދަކުރާ އަތޮޅު ބުރުގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފެހެންދޫ އިންނެވެ. ފުރަތަމަ ހާފުގައި މި ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޝާން އެވެ. އޭރިޔާ ބޭރުން ހުސްކޮށް ލިބުނު ބޯޅަ ޝާން ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.
ދަރަވަންދޫ އިން ނަތީޖާ އަނބުރާ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ޝާފިއު ސުއޫދުގެ އެހީތެރިކަމާ އެކު ޖެހީ ހުސައިން އެވެ. ހުސް ގޯލަކަށް ޖަހަން ހުސައިން އަށް ބޯޅަ ދިނީ ޝާފިއު އެވެ.
މެޗުގައި ދަރަވަންދޫ އިން ލީޑު ނެގީ ދެ ވަނަ ހާފުގެ 12 ވަނަ މިނެޓުގަ އެވެ. މި ގޯލު މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ޝާފިއު އެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ދަރަވަންދޫގެ ގޯލްކީޕަރު ސާމީ ބަޝީރު ފެހެންދޫގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށް ފަހު ރަތް ކާޑަކަށް ބަދަލުކުރީ ވީޑިއޯ ސަޕޯޓްގެ އެހީ ހޯދުމަށް ފަހު އެވެ. ފަހު ތިން މިނެޓަށް ބަދަލުގައި ކުޅެން އެރި ކީޕަރު މުހައްމަދު ރަޝްވާން ވަނީ މުހިއްމު ސޭވްއެއް ކޮށްފަ އެވެ.
އަތޮޅު ބުރުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އޭދަފުށި ނުކުންނާނީ ދަރަވަންދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އެރޭ 8 ޖަހާއިރު އެވެ. އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާ ފެހެންދޫ ވާދަކުރާ މެޗު އޮންނާނީ ޖަނަވަރީ 19 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރު އެވެ.
އަތޮޅު ޗެމްޕިއަންކަން ކަނޑައަޅަން ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 22 ވަނަ ދުވަހުގެ ރޭ 21:45 ގަ އެވެ.
އަތޮޅު ބުރުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު 6 ފަހަރު ވެސް ހޯދީ އޭދަފުށިންނެވެ. އެގޮތުން އޭދަފުށިން ވަނީ 2018، 2019، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 119 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތް ކުރިއަށްދާނީ ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
